ޤައުމީ ޒުވާނުންގެ މަހާސިންތާ 2025 މިއަދު ފަށައިފިއެވެ.
ޔޫތު ހަބްގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ޒުވާނުންގެ މަހާސިންތާ ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.
ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ޒުވާނުންގެ ވުޒާރާ ގުޅިގެން ބާއްވާ މި މަހާސިންތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާރޭގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގައެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި މަހާސިންތާގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެއެވެ.
މި އަހަރުގެ ޒުވާނުންގެ މަހާސިންތާގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކަމަށާއި، ޖުމްލަ 6 މައުޟޫޢަކަށް ބަހާލައިގެން މި މަހާސިންތާގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޒުވާނުންގެ ވުޒާރާއިން ބުނީ މާދަމާ ރޭ ބާއްވާ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




