ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދެމުން އަންނަ, ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް, ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު" ވިދިވިދިގެން ހަ ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް 6ވަނަ ފަހަރަށް އަދި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމު ދެވަނަ ފަހަރަށް ރާއްޖޭން ވަނީ ހޯދާފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެއެވެ. މި އެވޯޑުދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ރާއްޖެއަށް ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށެވެ.
އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދީ، އެ މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


