ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހުމިއްޔަތު ފާހަގަކުރައްވައި، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރައްވައި، މިއީ އެފަރާތްތަކުގެ އިޤްތިޞާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައެވެ.
މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވަނީ، ޚިދުމަތްތައް ހޯދުމާއި، ޢާންމު ތަންތަނަށް ވަދެނިކުމެއުޅުމުގައި ހުރި ދަތިތަކާއި، މަޢުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކުރުމަށް މަސައްކަތްކުރާ ޢާއިލާތަކަށާއި، ޖަމުޢިއްޔާތަކަށާއި، ދަރުމަވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޙަޤީޤީ މާނައިގައި ޝާމިލު މުޖުތަމަޢެއް ޤާއިމުކުރެވޭނީ، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އިޤްތިޞާދީ ބާރުވެރިކަން ލިބިދީގެން ކަމަށެވެ. އަދި، މި ގިޔަމުތައް މޫލާފައިވަނީ، ކޮންމެ އިންސާނަކާމެދުވެސް ކަރާމާތާއި ހަމަހަމަކަމާއެކު މުޢާމަލާތްކުރުމަށް ބާރުއަޅާ އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ، އިޖުތިމާޢީ ކުރިއެރުން ހޯދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުތައް ބިނާކުރުމުގެ މައްޗަށެވެ. މިކަމުން ރަމްޒުކޮށްދެނީ މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައިވެސް އެފަރާތްތައް ޝާމިލުކޮށް، އެކަމަކަށް އިޖާބަދޭ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި، އުނގެނުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވައިލައްވާފައިވާ އެކްޝަން ޕްލޭންގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި ކޮންމެ ފަރުދެއްގެވެސް ޤާބިލުކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެފަދަ މުޖުތަމަޢެއް ބިނާކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން، އެ މެސެޖުގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




