ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 1 ޑިސެމްބަރު 2025 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.
ޤާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިސްލާޙުގައި ވަނީ ކަނޑައަޅައިފައެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


