ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރީ ފާއިޒް ގާޒީކަމުން ވަކިކުރުމުގެ މައްސަލާގައި އިޖުރާއީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ މި މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތް ގޮތުގެ މަތިން ގޮތެއް ކަނޑައެޅުމަށް ތަޅުމަށް ފޮނުވުމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު މަގާމުން ވަކިކުރެއްވުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
ގާޒީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ގާޒީ ހުސައިން ފާއިޒު އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ގާޒީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ އަމަލެއް ގާޒީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގާޒީ ހުސައިން ފާއިޒުގެ އަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު އާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނެވެ. މިކަމާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ، ސަސްޕެންޑްވެސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ގާޒީ ފާއިޒާއި ގުޅޭގޮތުން ހުށައެޅުނު 2 ވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު ޢަމަލުކުރި ގޮތާއި މެދު ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަތަކާއި ގުޅިގެން ގާޒީ ހުސައިން ފާއިޒު އޭރު ސަސްޕެންޑް ކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރުވެސް ގާޒީ ހުސައިން ފާއިޒު ވަނީ، 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭރު ފާއިޒު ސަސްޕެންޑް ކުރީ، އޯޑިއޯއެއް ލީކުވި މައްސަލާގައެވެ. ނަމަވެސް އެ އަހަރުގެ ޑިސެންބަރު 26ގައި ސަސްޕެންޝަން އުވާލިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




