މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް" އަށް ހޮވުނު ޒުވާން މަސްވެރިންނާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ވަޒީރު ވަނީ ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވަފައެވެ. އަދި ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި މަސްވެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންގެ ފަރާތުން ހީވާގިކަމާއެކު އުނގެނި، ސުވާލުކޮށް، އަމަލީ ތަޖުރިބާ ހޯދައިގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހިއްވަރުދެއްވާފައެވެ.
އަދި، މި ޕްރޮގްރާމްގެ ހުރިހާ މަރުޙަލާއެއްގައިވެސް، އެންމެ މަތީ ފަންތީގައި އަޚްލާޤާއި، އިޚްލާޞްތެރިކަމާއި، މަސައްކަތުގެ ސުލޫކު ދެމެހެއްޓުމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ބައިވެރިން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި "ޖެނެރަލް ނެވިގޭޝަން ކޯސް" ފުރިހަމަކޮށްފައެވެ.
މި އިންޓަރންޝިޕް ކުރިއަށްދާނީ، ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ ދޯނިފަހަރުގައެވެ. އެގޮތުން، ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ބައިވެރިން ހާސިލުކުރާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




