ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ އަމަލެއްކޮށް، ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ސައުތް ސެންޓްރަލް ސަރަޙައްދުގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ހޮނިހިރު ދުވަހުކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަމަށްވުމުން އެކަމާ ގުޅިގެން އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ ތަހު ގީގުކުރަމުންދާއިރު މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




