ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލަނީ ބަލަންޖެހޭ އެންމެހައި ކަންކަން ފުރިހަމައަށް ބެލުމަށް ފަހުގައި ކަމަށާއި، ވަކި ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނިސްބަތްކޮށް މައްސަލަތައް ބަލަމުން ނުދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، އަދުލުއިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ. އަދި، އަދުލުވެރިކަމާ އެކު ޝަރީއަތް ހިންގާ، އަވަސްކަމާ އެކު އިންސާފު ފޯރުކޮށްދޭ ބަޔަކަށް ޝަރުއީ ކޯޓުތަކުގައި މަސައްކަތްކުރާ އެންމެހައި ފަނޑިޔާރުން ވާންޖެހޭ ކަމަށް ބުންޏެވެ.
މި މަގުސަދު ހާސިލުކުރުމަށް، ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ވަކިން ހާއްސަކޮށް ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ އެ ކޮމިޝަނުން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކި ގޮތަކަށް އަމަލުކުރުމަކަށް ނޫން ކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އަލީގައި މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށް ފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އަދި، އެކަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެތެރެއިން ތަހުގީގު ކުރަން ނިންމާފައިވަނީ 57 ޝަކުވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި، ސުލޫކީ މައްސަލަ ބެލުމަށް ފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރުންނަށް ކަމަށް ބުންޏެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %3.4 ކަމަށާއި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާ ނަމަ މަދު އަދަދެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
"ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށެވެ. ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރުމަކަށް ނޫނެވެ. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް މިކޮމިޝަނުން ނުދެކެމެވެ،" ޖޭއެސްސީން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




