އިސްލާމުދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރަން ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން ދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އަދި، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށް ވެސް ވިދާޅުވި އެވެ.
"މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސްގެ ޕޯސްޓުގައިވެ އެެވެ.
ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމް 'ލިލީ'ގެ ޕްރިމިއަރ އިވެންޓަށް ދިވެހި ސަގާފަތާއި އިސްލާމްދީނުގެ ހަމަތަކާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން މީހަކު ދިޔަ މައްސަލައެއް ފެންމަތިވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




