ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ދެވަނަ އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރ، މާފަންނު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ޚާއްޞަކުރައްވައިގެން މިއަދު ހަވީރު، އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރ، މާފަންނުގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތައް ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބިގެންދާނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރގެ މަސައްކަތް ނިންމަވާ، ރަސްމީކޮށް ޙަވާލުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓަޑްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، މި ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި 3 ބަޔަކަށް ބެހެއެވެ. އެގޮތުން ޖެނެރަލް ޕްރެކްޓިޝަނަރ (ޖީޕީ) ގެ ޚިދުމަތާއި، އިތުރު ފަރުވާ ބޭނުންވާ ޙާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ އަދި، ކޮންސަލްޓުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއާށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތް ކްލިނިކް މެދުވެރިކުރައްވާ، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބިވަޑައިގަންނަވާއެވެ.
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރައްވާނެއެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.
އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރ، މާފަންނު، ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާ، އެ ސެންޓަރުންގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި، ދަޢުލަތުގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ގިނަ ޢަދަދެއްގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




