ކ. މާފުށީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމުގެ ގޮތުން ދެ ކޯޓް ރޫމް އިއްޔެ ހުޅުވައިފިއެވެ.
ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު ބައިވެރިވެވަޑައިގަތެވެ.
ކަރެކްޝަންސް އިން ބުނީ އަލަށް ހުޅުވުނު ދެ ކޯޓް ރޫމްގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓުތަކަށް ހާޟިރުކުރަން ޖެހޭ ޤައިދީންނާއި ބަންދުމީހުންނަށް، ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެ ކަމަށެވެ. އަދި، އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އައްސޭރި ޖަލުގައި ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން، ކޮމިޝަނަރ ޙަސަން ޒަރީރު އިއްޔެ ވަނީ އެ ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ހުޅުވާދެއްވައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




