ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާއިއެކު ކުރިއަށް" ނަމުގައި ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ކުދިން އާއިލާތަކާއި ހަވާލުކޮށްފައިވަނީ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުންނެވެ.
ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، އާއިލާތަކުން އަޅާނުލާ ނުވަތަ އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އޯގާތެރި، އަޅާލާ މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެންމެންގެ ބައިވެރިވުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
" މި ސަރުކާރަކީ، އޯގާތެރި އަޅާލާ ސަރުކާރެއް. މި މުޖުތަމަޢު ހަދަން ބޭނުންވަނީވެސް އެގޮތަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއްނޫން އަޑުއިވޭކަށް ފެންނާކަށް އެއްވެސް މީހަކަށް އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިންނަށް އަޅާނުލާ އެކުދިންނަށް އަނިޔާކޮށް، އެކުދިންނާ ދޭތެރޭގަ ބަހައްޓަންޖެހޭ އަޅާލުން ނުބަހައްޓާ ވާހަކަ. އެކަން ނައްތާލެވޭނީ އެންމެން ގުޅިގެން" ރައީސް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމަކީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދާއިމީ އާއިލާއެއް ހޯދަ ދޭން، އެ ކުދިންނަށް އާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ދިނުމަށް ހިންގާ ޕްރޮގްރާމެެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




