ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ފަދައިން އަގްލަބިއްޔަތު ލިބުމުން ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
ޤާނޫނުއަސާސީއަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ ނުވަތަ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ މެންބަރުގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މާއްދާއަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ދެ އަކުރުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއަކުން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ނަގާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާއެއްގެ ރައްޔިތުންގެ މެދުގައެވެ.
އެ ހާލަތުގައި މެންބަރުންގެ ގޮނޑި ގެއްލޭނީ ވޯޓު ދޭ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަޣުލަބިއްޔަތު ނުލިބޭނަމަ އެ މެންބަރަކު މިނިވަން މެންބަރެއްގެ ގޮތުގައި ދައުރު ނިމެންދެން ދެމި ހުންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ދެވަނަ ފަހަރަށް އެ މެންބަރަކަށް ސިޔާސީ ޕާޓީއަކާ ނުގުޅެވޭނެ ކަމަށްވެސް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖަނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




