މިއަދުން ފެށިގެން ބަޔޯމެޓްރިކްސް ނުދީހުރި ބިދޭސީން ވަގުތުން ޑީޕޯޓުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި އޮތް ވެރިކަންކުރާ ޕީއެންސީން ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑު ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެމައްސަލައަށްވެސް ދާއިމީ ހައްލެއް ހޯދައިދެވިގެންދާކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއެކު ފެށި ކުރަނގި އޮޕަރޭޝަނުގައި މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާކަމަށާއި، މީގެން ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް އިނގިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ވަގުތުން ޑީޕޯޓްކުރާނެ ކަމަށާއި، 15 ނޮވެމްބަރު(މިއަދު)އަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ކަމަށެވެ.
"މާދަމާ އަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނުގަވައިދުން އުޅުނު މީހުންނާއި އެކި ކުއްކުރި މީހުން ހިމެނޭހެން ޖުމުލަ 9021 ބިދޭސީން ޑީޕޯޓުކުރެވިފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




