ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން އާލާކުރި މޫދު ވިނަ އެކްސްޕޯޓު ކުރަން ތައްޔާރުވެއްޖެ އެވެ.
ފްލޯޓިންގ އެކާސް ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ފެށީ މީގެ 8 މަސް ކުރިން ބ. ފެހެންދޫގައެވެ.
އެގޮތުން އާންގާރަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖޭގައި މޫދުވިނަ ވިޔަފާރި އުސޫލުން އާލާކޮށް، އެކްސްޕޯޓް ކުރުމަށް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.
އެކަން ފާހަގަކޮށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކާމިޔާބީއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޫ އިގްތިސޯދުގެ ދާއިރާ ފުޅާކޮށް، ދެމެހެއްޓެނިވި ކަނޑުގެ ސިނާއަތްތައް ކުރިއެރުވުމުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފަވަނީ މިއަަހަރު އެޕްރީލް މަހުގައެވެ.
މި ހުއްދަ ދިނުމުގެ މައިގަނޑު މަގްސަދަކީ ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ މަސައްކަތް ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން، މިމަސައްކަތް ދިރާސާކޮށް، ފުލް ސްކޭލް ޕާރމިޓެއް ދިނުމުގެ ކުރިން ހުރެދާނެ ކަންކަން ދެނެގަތުމެވެ.
މީގެ ކުރިން އެފް.އޭ.އޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ވަނީ ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވެއެވެ.
އޭޝިއާގެ ގާއުމުތަކުގައި މޫދުވިނަ މީގެ 50 އަހަރު ކުރިން ފަށައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއްގެ ގޮތުގައި އަންނަނީ ކުރިއަރަމުންމެވެ. މިވަގުތުވެސް ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ގައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ.
އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު. 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް މާހިރުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




