ވަކި މުއްދަތެއް ނެތް ގޮތަކަށް ޖަލުގައި 'ވާނުވާ' ޖަހާފައި ތިބޭ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ރައީސް ޑރ. މުޚައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަމަކު އެކަން ހައްލުކުރުމަށް ޝަރުއީ ދާއިރާއަށް، ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އެކަމަށްޓަކައި ޝަރުއީދާއިރާގެ ތެރެއިން ނިންމަންޖެހޭ ކަންކަން ސަރުކާރުން މިހާރުވެސް ފުރިހަމަކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކްރިމިނަލް ކޯޓަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، ދައުލަތުގެ ބަޖެޓު ކަނޑައެޅުމުގައި ޝަރުއީ ދާއިރާގެ ބަޖެޓް ވަކިކޮށްދިނުންފަދަ ކަންކަން މިހާރު ވެސް ކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއްވާނަމަ އެކަމަކަށް ބޭނުންވާ އެއްބާރުލުން ވެސް ސަރުކާރުން ދޭނެ ކަމަށާއި ޝަރުއީ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދޭން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ޖުޑީޝަރީގައި މިހެން ހުރި ނިންމަންޖެހޭ މައްސަލަތައް އަވަހަށް ނިންމަން ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށާއި، ވާނުވާގެ މައްސަލަތައް އަވަހަށް ނިންމަދޭން އެދޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ ކަމަށާއި އެމީހުންގެ ވެސް ހައްގުތަކެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަަށް ހަމަ %100 ޔަގީން ޖުޑިޝަރީން މިކަން ވަރަށް އަވަހަށް ނިންމަވާނެ. ގާނޫނީ ނިޒާމުތަކުގެ ތެރެއިން ގާނޫނަކަށް އިސްލާހު ގެންނަންޖެހޭ ނަމަ މަޖިލީހުން ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




