ފިރިހެނަކަށް އަނިޔާކުރާކަމަށް ބުނެ ކުރި ރިޕޯޓަކާއި ގުޅިގެން އެމްޕީއެލްގެ އެޕާޓުމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ރިޕޯޓު ލިބުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނެ ލިބުނު އެ ރިޕޯޓާ ގުޅިގެން އެ އެޕާޓުމަންޓް ބަލައި ފާސްކުރިއިރު އެތަނުގައި އިތުރު މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ. އަދި، ހަމަނުޖެހުމެއް ހިންގައި އެއްޗަކަށް ގެއްލުންދިނުންފަދަ ކަމެއް ވެސް ހިނގާފައިވާ ކަން ފާހަގަނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު އެތަނުގެ ތެރެއިން، ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އެވަގުތު އެޕާޓްމަންޓުގައި ހުރި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ހައްޔަރުކުރީ، އުމުރުން 29 އަހަރުގެ މުހައްމަދު ޖަޒުލާން އަޝްރަފު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




