ރާއްޖެއިން އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް (ކޮޕުއަސް)ގެ މެންބަރުކަން ހޯދައިފި އެވެ.
މި ކޮމިޓީއަކީ، ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދުގައި ގައުމުތަކުގެ ދެމެދު ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ ކޮމިޓީ އެވެ.
ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަގުވާމީ ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ އެވެ.
ރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ވެސް މަގުފަހިވެގެންދާނެ އެވެ.
ރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް މި ކޮމިޓީގެ މެންބަރުކަން ވަނީ ހޯދާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




