މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވިދާޅުވެ މީސްމީޑިއާގެ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން… pic.twitter.com/j3a5bnoioJ
— Dr Mohamed Muizzu (@MMuizzu) November 3, 2025
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު، ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިންކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ޕޯސްޓު ނިންމަވާލެއްވީ އެފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުޢާކުރައްވަމުންނެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް ވަނީ މީސްމީޑިއާގެ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ.
ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު. ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން. ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަން. ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން.
ތާއަބަދުމެ… pic.twitter.com/LJzb6JtYTL
— First Lady Sajidha Mohamed (@sajidhaamohamed) November 3, 2025
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މެސެޖުގައި، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު ކަމަށާއި ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމުގައި ވިދާޅުވިއެވެ. ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަން ފާހަގަކުރައްވައި، ޤައުމީ ކޮންމެ ކަމެއްގައިމެ އެއީ އީމާންތެރި އެއްބައިވަންތަ ބައެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ މި ޕޯސްޓު ނިންމަވާލެއްވީ ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވައި އަދި ނަޞްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




