މާލެ އޭރިއާގެސްކޫލުން ކުރިން ދުވާލަކު 50 ނުވަތަ 60 ވޭޕް ސްޓިކް ފެންނަ ކަމަށާއި، މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނޫނީ ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން 1 ނޮވެންބަރުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާ ރޭ ވާހަކަފުޅު ދައްކްވަމުންނެވެ.
''މާލެ އޭރިއާގައި ދުވާލަކު 50 ނޫނީ 60 ވޭޕް ސްޓިކް ފެނޭ ސްކޫލުން، އެހެން ނަމަވެސް މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނޫނީ ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވިއެވެ.
ޓެލެތޯންގައި ބައިވެރިވެވަޑައިގެން ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން" އަށް ދުނިޔޭގައިވެސް ނަމޫނާ ޤައުމަކަށްވެފައިވާއިރު، މިއީ ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމުގައި މިނިސްޓަރ ޑރ. ޝަފީޢު ވިދާޅުވިއެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދިޔަ ދުވުން ނިންމާލައިފާވަނީ ޖުމްލަ 8959 މީހުން ބައުވެރިވެ ދުވުމަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ. މި ހަރަކާތުގައި 110 އަަކަށްވުރެ ގިނަ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން އަދި 10 މީޑިއާ ޖެނެލާއި، 216 ސްކޫލަކުންނާއި، 65 ރަށަކުން ދުވުމުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން 188 ރަށަކުން ވީޑިއޯއާއި، 150 އަށްވުރެ ގިނަ މީހުންގެ އަޑު ޓެލެތޯންގައި ގެނެސްދެވިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




