"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ޤާނޫނީގޮތުން މިއަދު ތަންފީޒު ކުރަން ފަށައިފިއެވެ. އެއާއިއެކު، ދުންފަތުން ރައްކާތެރި ޖީލަކަށް މަގުފަހިކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގައި މުހިއްމު އަދި ތާރީޚީ ލަނޑުދަނޑިއެއް މިވަނީ ދިވެހިރާއްޖެއަށް ޙާޞިލުކުރެވިފައެވެ.
ޤާނޫނު ނަންބަރ 15/2010 "ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނު" އަށް ގެނެވުނު 2 ވަނަ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާއިއެކު، ދިވެހިރާއްޖެ ވެފައިމިވަނީ، ދުނިޔޭގައި ޖެނެރޭޝަނަލް ބޭންގެ ސިޔާސަތު (މުޅި ޤައުމުގެ މައްޗަށް) ތަންފީޒުކުރާ ފުރަތަމަ ޤައުމު ކަމުގައެވެ.
މި އިޞްލާހު ބަޔާންކުރާގޮތުން، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ޤާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރެއެވެ. ހަމައެއާއެކު ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާބާވަތެއް ހިމެނެއެވެ. މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ޤާނޫނީގޮތުން މަނާކުރެވިފައެވެ.
"ޖެނެރޭޝަނަލަ ބޭން އޮން ޓޮބޭކޯ" ސިޔާސަތަކީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުއާހަދާ، "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ)" ގެ ދަށުން ޤައުމުތަކުން އެޅުމަށް ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




