އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ކަސްޓަމްސްއަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.
ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ޑްރޯންތައް ހަދިޔާކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން ޑްރޯންތަކާ ޙަވާލުވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު ކަސްޓަމްސްގެ ސަލާމަތީ މަސައްކަތްތަކާއި، ބަނދަރު ބެލެހެއްޓުމުގައި ޤާބިލުކަން އިތުރުވެގެންދާނެކަމަށް ޑޭވިޑް ޖެސަޕް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއަކީ މެރިޓައިމް ސެކިއުރިޓީ އާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާ ދެޤައުމުކަން އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވިއެވެ.
ސަވައިލެންސް ޑްރޯންތަކުގެ އެހީގައި ބޯޑަރު ބެލެހެއްޓުމާއި، ޕޯޓުތަކުގެ މަސައްކަތްތައް ވަރުގަދަކޮށް، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ނުގަވައިދުން ހިނގާ ޢަމަލުތައް ހުއްޓުވަން ފަސޭހަވެގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




