އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ދައުރު (UNGA80) އާ ގުޅިގެން ބޭއްވި ސައިޑް އިވެންޓެއްގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލި ޕެރިސް އެގްރީމެންޓަށް 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
"ޑެކޭޑް އޮފް ޕެރިސް އެގްރީމެންޓް - ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއެންސް" މި ނަމުގައި ބޭއްވި މި އިވެންޓުގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކުރާ ނަމޫނާ މަސައްކަތްތަކާއި، މިކަމުގައި ބައިވެރިވުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
ނިއުޔޯކްގައި، އ.ދ.ގެ މައި ދޮރުކޮޅުގައި ބޭއްވި މި ސައިޑް އިވެންޓުގައި، ޕެރިސް އެގްރީމެންޓުގެ ދިހަ އަހަރުގެ ދިގު ދަތުރަށް އަލިއަޅުވާލެވުނުއިރު، މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ގައުމުތަކުން އެއްބަސްވެފައިވާ މި މުހިންމު އެއްބަސްވުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކާއި، ކުރިމަގަށް ހުރި ގޮންޖެހުންތަކާ މެދު ވާހަކަދައްކަވާފައިވެއެވެ.
މި އިވެންޓުގެ ތެރެއިން، ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދުނިޔޭގެ ފެންވަރުގައި އަބަދުވެސް އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއްކަމާއި އަދި، ރާއްޖޭގެ ތިންވަނަ އަދި މިހާތަނަށް ހުށަހަޅާފައިވާ އެންމެ ހިތްވަރުގަދަ 'ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން' (NDC) އަށް އަލިއަޅުވައި، މޫސުމީ ބަދަލުތަކަށް ކެތްތެރިވެވޭނެ ގޮތަށް ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސީދާ އަސަރުތައް ކުރަމުންދާ މި ދަނޑިވަޅުގައި، މުޅި ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުމާއި، ވިޔަފާރިތަކާއި، ރައްޔިތުންގެ ބައިވެރިވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީ ހޯދުމަށް މުހިންމު ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




