މެލޭޝިޔާގެ އިސްލާމިކް ސެންޓަރުގެ އާކިޓެކްޓް ދާތޯ ހާޖީދަރު ޢަބްދުލްމާޖިދު، މީގެ 40 އަހަރު ކުރިން ފަރުމާކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ މަރުކަޒަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
އެބޭފުޅާގެ ޝަރަފުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަލްފާޟިލް ފާރިސް މައުމޫނާއި، އަލްއުސްތާޛު ޢަބްދުالله ކަމާލުއްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިސްލާމީ އާކިޓެކްޗަރާއި ޒަމާނީ ކޮންސެޕްޓްތައް އެއްގޮތްކޮށް، އިސްލާމީ މަރުކަޒު ޑިޒައިން ކުރުމުގައި ދާތޯ ހަޖީދާރު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި، މި ސެންޓަރުގެ ބާނީ އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވި ކަން މިނިސްޓަރ ފާހަގަކުރައްވައި މި ސެންޓަރު ބިނާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ތާރީހީ ވަގުތެއް ކަމަށާއި އިސްލާމީ މަރުކަޒުގެ ޑިޒައިނުގެ ފަހަތުގައިވާ "މާސްޓާމައިންޑް" އާ ބައްދަލުކުރުމަކީ ދިވެހިން ކުރަމުން އައި ދިގު އުއްމީދެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި ވަނީ ހާޖީދާރަށް އެ މިސްކިތުގެ މޮޑެލްއެއް ވެސް ހަދިޔާކުރައްވައިފަ އެވެ.

އިސްލާމިކް ސެންޓަރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ބިނާ މިސްކިތަކީ ހަމައެކަނި އިމާރާތެއް ނޫން ކަމަށާއި އެ މިސްކިތަކީ އިލްމާއި އަޅުކަން އަދާކުރާ ތަނެއްގެ އިތުރުން އިސްލާމީ ވެރިކަމުގެ މައި މަރުކަޒުގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަތަން ކަމަށެވެ. އަދި، ކީރިތި ޤުރްއާން އުނގަންނައިދީ، އިސްލާމީ ޢިލްމު ފެތުރުމާއި، އިސްލާމީ ޘަޤާފަތާއި ތަހުޒީބު ކުރިއެރުވުމުގައި، އިސްލާމީ މަރުކަޒުން މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ މައިދާން ކައިރީގައި ނޮވެމްބަރު 11، 1984 ގައި ހުޅުވި އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ބިނާ އެވެ. މާލެއަށް އަރައިފައިބާ ޓޫރިސްޓުންގެ ލޯތައް ވެސް ހުއްޓޭ އެ އިސްލާމީ މަރުކަޒުގެ 133 ފޫޓުގެ މުންނާރާ އެކު ދައްކައި ދެނީ ދިވެހިންގެ އިސްލާމީ ވަންތަކަމެވެ.
ހަ މިލިއަން ޑޮލަރު ހޭދަކޮށްގެން އިމާރާތްކޮށްފައިވާ އެ ބިނާގެ މަސައްކަތަށް ސައުދީ އަރަބިއްޔާ އާއި ބުރޫނާއީ އާއި ކުވޭތާއި ޕާކިސްތާނާއި މެލޭޝިއާ އަދި ޔޫއޭއީ އިން އެހީތެރިވި އެވެ.
އިސްލާމީ މަރުކަޒުގެ އިންޖިނިއަރިންގެ ހުރިހާ މަސައްކަތެއް ކުރީ ވެސް މެލޭޝިއާގެ ކުންފުނިތަކުންނެވެ. ހުރިހާ މަސައްކަތެއްގައި އެ ގައުމުގެ ހަތަރު ކުންފުންޏެއް ހިމެނޭއިރު، އެ ގައުމުގެ ފަންސާހަކަށް މީހުން އެ މަސައްކަތްތަކަށް ގެނަ އެވެ. އެއް ފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވޭނެ އެ މިސްކިތް ހަދާފައި ވަނީ ތިން ބުރިއަށެެވެ. އިމާރާތުގެ އެންމެ ތިރީބައިގެ ބޮޑުމިނަކީ 27،066 އަކަފޫޓު ހުންނައިރު އެތަނުގައި ފަސް ކްލާހާއި ލައިބްރަރީއަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ.
މައުމޫންގެ އިސްނެންގެވުމާއި އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތައް ވެސް މި ތަނުން ފެނިގެންދާއިރު މިސްކިތުގެ ނަން ބޯޑުންނާއި މިހުރާބުގެ ތެރެއިން ވެސް ފެންނަނީ މައުމޫންގެ އަތު ލިޔުއްވުމެވެ. މިސްކިތުގެ ނަން "މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް" ބޯޑުގައި ލިޔުއްވީ ސީދާ މައުމޫންގެ އަތްޕުޅުންނެވެ. މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް އެ މަނިކުފާނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




