2025 ވަނަ އަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަސް ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ވަނީ 19 ސެޕްޓެމްބަރ 2025 ވީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އާންމުންނަށް އަމާޒުކޮށްގެންވަނީ ޚާއްސަ ހަރަކާތްތަކެއް ރާވާ ހިންގާފައެވެ.
މި އިވެންޓުގައި، އޯޒޯން ފަށަލައިގެ މުހިންމުކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ތިމާވެއްޓާއި ރައްޓެހި ފިނިކުރުމުގެ ނިޒާމުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ސްޓޯލްތަކެއް ވަނީ ހިންގާފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ތަފާތު އެކި ކުޅިވަރުތަކުގެ އިތުރުން 2024 ވަނަ އަހަރުގެ ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ހަފްލާއެއްވަނީ ބާއްވާފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤު އިބްރާހީމް ވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ފޭސް އައުޓްކުރުމަށް ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ވިއެނާ ކޮންވެންޝަނަށް 40 އަހަރު ފުރޭ މުނާސަބަތު މިފަދަ ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ. އަދި ދިވެހިރާއްޖެއަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަށް ފޭސް އައުޓް ކުރުމަށް، ބައިނަލްއަޤްވާމީ ތާވަލްގައި ކަނޑައަޅާފައިވާ ތާރީހުގެ ދިހަ އަހަރު ކުރިން އެކަން ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައިވާ ޤައުމަކަށްވާތީ، މިއީ ކުދި ޖަޒީރާ ޤައުމަތަކަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް އަދި ޝަރަފެއްކަމަށް ވިދާޅުވިއެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަށް ފޭސް އައުޓް ކުރުމަށްފަހު އޭގެ ބަދަލުގައި ފިނިކުރާ ނިޒާމުތަކުގައި ބޭނުން ކުރުމަށް އައި އެޗް.އެފް.ސީ ގޭހަކީ ދުނިޔެ ހޫނުވުމަށް އަސަރުކުރާ މިންވަރު އިތުރު ކޮއްދޭ ގޭހެކެވެ. މިގޭސް އެންމެ ގިނައިން ޖައްވަށް ބޭރުވާ އެއްގޮތަކީ ސަރވިސް ކުރުމުގެ ތެރެއިންނެވެ.
އެހެންކަމުން ފިނިކުރާ ނިޒާމުތަކުގެ ސާރވިސިންގް ސެކްޓަރގައި މަސައްކަތް ކުރާ ޓެކްނީޝަނުންގެ ޤާބިލްކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތަށް ރާވާ ހިންގާ އަދި އެ ފަރާތްތަކަކީ ސާރޓިފައިޑް ޓެކްނީޝަނުންނަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއިން މިހާރު ކުރަމުން ދާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިއްމަވާލައްވަމުން 2024 ވަނަ އަހަރު އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލި ކުރެހުމުގެ މުބާރަތަކަށް 1000 އަށް ވުރެ ގިނަ ހުށަހެޅުން ލިބުނުކަން އަލިއަޅުއްވާލެއްވިއެވެ. އަދި މި މުބާރާތަށް ހުށައެޅި ކޮންމެ ކުރެހުމަކީވެސް ވަރަށް ވިސްނުންތެރިކަމާއި ހުނަރުވެރިކަން ދައްކައިދޭ ފުރިހަމަ ކުރެހުމެއްކަމަށް ވިދާޅުވިއެވެ.
މި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންގެ ކުރެހުންތައްވަނީ އިވެންޓްގެ ތެރޭގައި، މިނީ އެގްޒިބިޓެއްގެ ގޮތުގައި ދައްކާލާފައެވެ. މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ވިއްކާ ސްޓޯލްތައް ހިންގާ، ހަކަތަ ސަމަކާރަ ލޭބަލިންގ ޕްރޮގްރާމުގައި ހިމެނޭ، 'ހަކަތަރި' އިކުއިޕްމަންޓު ޕްރޮމޯޓް ކުރުމަށް ގުރުއަތެއް ވަނީ ނަގާފައެވެ. މި ގުރުއަތުގައި ހިމަނާފައިވާ 4 އައިޓަމް ސްޕޯންސަރ ކޮށްދެއްވާފައިވަނީ އެސް.ޓީ.އޯ އަދި ރެފްކޫލް މޯލްޑިވްސްއިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




