އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރަސްދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި އަދި ރަސްދޫ ކައުންސިލްގެ ރައީސއ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް މަޝްރޫޢުގެ ދަށުން އއ. ރަސްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި. މިއަދު އޮތް މި… pic.twitter.com/jcnJRfBmpV
— Ministry of Cities, Local Government, Public Works (@MoCLPmv) August 20, 2025
ރަސްދޫ ކައުންސިލް އިދާރާގެ ތަރައްޤީކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާ ޙަވާލުކޮށްގެންނެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވާ 55 ކައުންސިލް ޕްރޮޖެކްޓްގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ. މި މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އާރުސީސީއާ ޙަވާލުކޮށްފައި ވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ރާއްޖޭގެ ރަށްރަށުގައި ބާވެ ވީރާނާވެފައި ހުރި ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް