އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށާ، ރައްޔިތުން ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ރޭ ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށްހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުތަކަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ވަރަށް ގާތުން ބައްލަވައިގެން، ހަލުވި ދުވެލީގައި މަސައްކަތްކޮށް ނިންމަވައިދެއްވާނެ މަޝްރޫޢުތަކެއްކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން، އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ބައްދަލުކުރެއްވުމުގައި ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުތަކަކީ ރަށަށް ނުހަނު ބޭނުން މަޝްރޫޢުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އއ. އުކުޅަހުގެ އަދުގެ ހާލަތަށް ބަލާއިރު، މިވަގުތު ރަށަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާޙް ގެންނަވާފައި ކަމަށާ، އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިކަންކަމުގެ އިތުރުން، އުކުޅަހުގެ ޞިއްޙީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އއ. އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެކަމަށް ނަޞޭޙަތްތެރިވެވަޑައިގެން، އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް