އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ފިންލޭންޑް ބިޒްނަސްގެ ސެކަންޑް ސެކްރެޓަރީ، އައިރިސް މައްޓާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ މިހާރު ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއި، އުފެއްދުންތެރި އިޤުތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި، ދެމެހެއްޓެނިވި މަޝްރޫޢުތަކާއި، ރާއްޖޭގައި ހުރި އެހެނިހެން ސިނާއަތްތަކުގެ މައްޗަށެވެ.
މީގެ އިތުރުން އިންވެސްޓް މޯލްޑިވްސް އިން ވަނީ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އެސްއީޒެޑް) އާއި އާ ފޮރިން އިންވެސްޓްމަންޓް ޕޮލިސީ ފަދަ ސަރުކާރުން ގެނެސްފައިވާ ބައެއް އާ އިޞްލާޙުތަކުގެ މަޢުލޫމާތު ސެކަންޑް ސެކްރެޓަރީއާ ހިއްސާކޮށްފައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ބިޒްނަސް ފިންލޭންޑާއި ފިންލޭންޑް އެމްބަސީއާ ގުޅިގެން ވެބިނާއެއް ބާއްވައިފައެވެ.
މި ވެބިނާގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އޮފިޝަލުންވެސް ވަނީ ބައިވެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް