މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ފަތުރުވެރިކަމަށާއި ޖުމްލަކޮށް ރައްޔިތުންގެ ބޭނުންތަކަށްވެސް ބޭނުންކުރަން އޮތް މަޑިވަރު ފިނޮޅު، ހިމާޔަތްކޮށް އެ ފިނޮޅަކީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އޮންނަ ތަނަކަށް ހަދައިދިނުމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި، އެގޮތުން އެތަނުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެގޮތަށް ތަރައްޤީކޮށްދީ، ލޯކަލް ޓޫރިޒަމާއި ޕިކުނިކު ދިއުންފަދަ ހުރިހާ ބޭނުމަކަށް ބޭނުންކުރެވޭގޮތަށް، ވަރަށް އިސްކަން ދީގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ގޮތުގައި އެ ފިނޮޅުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ބައެއް ކަމުގައި ފަޅުތެރެއިން ކަނޑައަޅާފައިވާ، ދުއިސައްތަ ހެކްޓަރުގެ ތެރޭގައި ރަށަށް ބޭނުންވާ ގެދޮރުވެރިކަމާއި ސިނާއީ އެހެން މަސައްކަތްތަކަށް ބޭނުންވާނެ ބިން ހިއްކައިދޭނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި ބަނދަރުގެ މަޝްރޫޢާއި މަޑިވަރު ފިނޮޅުގެ މަޝްރޫޢު ނިންމުމަށްފަހު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.
ރަށުގެ ބަނދަރަށް ދިމާވެފައިވާ ބޮޑު މައްސަލަ ހައްލުކުރުމަކީ މި ރަށުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މައްސަލަ ކަމަށާއި އިރާދަކުރެއްވިއްޔާ ފަންނީގޮތުންނާއި އިންޖިނޭރިންގގޮތުން ދާއިމީ ގޮތެއްގައި އެ މައްސަލައަށް އެންމެ ރަނގަޅު ހައްލެއް ލިބޭނީ އެގޮތުން ކަމަށާއި، އެގޮތަށް އެކަން ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު އެ ފެށިގެންދާގޮތަށް ހުއްޓުމެއްނެތި ކުރިއަށްގެންގޮސް އިރާދަކުރެއްވިއްޔާ ބަނދަރުގެ މައްސަލައިގެ ދަތިކަން ދާއިމީގޮތެއްގައި ހައްލުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އއ. ރަސްދޫގެ ތަރައްޤީއަށް މުހިންމު ތިން އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ، ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސްއާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ އިތުރުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.
މީގެއިތުރުން މިއަދު ސޮއިކުރެއްވި، ސްކޫލުގެ މަޝްރޫޢަކީވެސް ރަށަށް މިހާރަށް ބޭނުންވާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށާއި އެ މަޝްރޫޢުގެ ތެރޭގައި، ސްކިލް ލެބާއި ކޮމްޕިއުޓަރ ލެބްގެ އިތުރުން ޕްރޭޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ ކަމަށާއި މި ވަޞީލަތްތައް ސްކޫލަށް އިތުރުވެގެންދާއިރު މަލްޓިޕަރޕަސް ހޯލަކާއި ސްކޫލަށް އިތުރު ޖާގަ އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަސްދޫގައި މިސްކިތެއް އެޅުމަށް ބިން ހަމަޖެހުނުހާ އަވަހަކަށް ޒަމާނީ އައު، އިތުރު މިސްކިތެއްގެ މަޝްރޫޢު ކުރިއަށްގެންދަވަން ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރަށަށާއި ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށްޓަކައި، ކައުންސިލަށް އާމްދަނީ އިތުރުކޮށްދިނުމަށްޓަކައި، އަދި އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގެއްގެ ގޮތުގައި، ވަރަށް ކުރީއްސުރެ ޕޮލިސް ސްޓޭޝަނަށް ދީފައި އޮތް ބޮޑު ބިމުގެ އިރުދެކުނުން ދިހަ ހާސް އަކަފޫޓު، ޕޮލިސް ބިމުން ވަކިކޮށް، ކައުންސިލާއި ޙަވާލުކުރަން ނިންމަވާފައިވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން އެއީ ވަރަށް ރަނގަޅު ލޮކޭޝަނެއް ކަމަށާއި ކައުންސިލުން އެ ބިމުގެ ބޭނުންހިއްޕަވައިގެން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރެއްވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް