އއ. ތޮއްޑުއަށް އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން ރައީސުލްމުޖްހޫރިއްޔާ މިއަދު އިއުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ އިގްތިޞާދީ ތަރައްޤީއަށް ސަރުކާރުން އިތުރަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން، ތޮއްޑޫއަށް ޚާއްޞަ ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްދެއްވައި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުން މޫސުން ގޯސް ދުވަސްތަކުގައި ފަތުރުވެރިން ތޮއްޑޫއަށް ގެންދިއުމަށް އުފުލަންޖެހޭ ދަތިތަކަށް ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުން އޮތް ނަމަ ހުށަހެޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް