އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން،
ތޮއްޑޫ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ތޮއްޑޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ޙަވާލުކޮށްގެންނެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އަޅާ 55 ކައުންސިލްގެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރުސީސީއާއެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެއެވެ.
ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް