ފުރަތަމަ ފަހަރަށް ރާްއްޖޭގައި ބާއްވަމުން އަންނަ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތަކީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ އެފިލިއޭޝަންއާއެކު ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތުގައި 26 ޤައުމަކުން 104 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ. އައިޓީއެފްގެ ޖޫނިއާ 30 ކެޓެގަރީގައި ހިމެނޭ އިންޓަނޭޝަނަލް މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 20 ގައުމަކުން 57 ކުޅުންތެރިން ވާދަކުރާއިރު އަންހެން ބައިގައި 15 ގައުމެއްގެ 47 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.
މި މުބާރާތުގައި މިހާތަނަށް ދިވެހި ކުޅުންތެރިން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، އަންހެން ޑިވިޝަންގެ ގަދަ 16 އިން ރާއްޖޭގެ ތިން ކުޅުންތެރިއަކުވަނީ ޖާގަ ހޯދާފައެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން މަންހާ މުޙައްމަދު އަލީ ގަދަ 16 އިން ޖާގަ ހޯދީ މުބާރާތުގެ އެއްވަނަ ސީޑް ކަޒަކިސްތާންގެ ޓަމާރާ އާމަކޯވާ ބަލިކުރުމަށްފަހުގައެވެ.
ރާއްޖޭގެ ނަބާ ނިޝާން ވަނީ އިންޑިއާގެ ޖާންވީ ޗޯދަރީ ބަލިކޮށް ގަދަ 16 އިން ޖާގަ ހޯދާފައެވެ. މަންހާ އާއި ނަބާގެ އިތުރުން ދެން ގަދަ 16 އިން ޖާގަ ހޯދި ދިވެހި ކުޅުންތެރިޔަކީ ނަޔާރާ އުސާމާ އަލީއެވެ. އޭނާ ވަނި ވެރޯނިކާ ވިލެގްޒާނިނާ ބަލިކޮށްފައެވެ.
މި މުބާރާތުގެ މުހިންމުކަން ފާހަގަކުރަމުން ކުޅިވަރު ވަޒީރު ވަނީ ފުރަތަމަ ފަހަރަށް އައިޓީއެފް އެޕްރޫވްޑް މުބާރާތެއް ރާއްޖޭގައި ބޭއްވޭތީ އެކަމުގެ ހިތްހަމަ ޖެހުން ފާޅުކުރައްވާފައެވެ. އަދި މި މުބާރާތަކީ ދިވެހިރާއްޖޭގެ ޓެނިހުގެ ކުރިއެރުމަށް ބޮޑު ފުރުސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް