ދިވެހިރާއްޖޭޣެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ސިފަކުރައްވައިފިއެވެ.
މިކަން ހާމަކޮށް ޤާސިމް މިއަދު ބަޔާނެއް ނެރުއްވާފައިމިވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ ޙައްގުތައް ހަނިވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޤާސިމް ނެރުއްވި ބަޔާނުގައި، މިއަދުގެ ހާލަތާއި ގުޅިގެން މި އިސްލާހުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާޙެއްކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ސިވެހިރާއްޖެއަކީ ޔުނިޓަރީ ސައުލަތެއްކަމަށާއި މިއީ ފެޑްރަލް ދައުލަތެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް، އެ ހުދޫދުގެ ތެރޭގައި، ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވީކާއި ފުށުއަރާގޮތަށް މިދަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ގާނޫނު އަސާސީގައި ބަޔާންކޮށް އެ މައްޗަށް ގާނޫނެއް ވުޛުދަށް ގެނެސް ވޭތުވެދިޔަ14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާއިރު، މި ގާނޫނާއެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީވެސް ހަޤީގަތެއްކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، އާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާކަންވެސް ފާހަގަވާކަމަށެވެ.
ޤާސިމް ވިދާޅުވީ، އެމަނިކުފާނުވެސް ޤަބޫލުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މި އިސްލާހްތަކަކީ، އެ ނިޒާމު ހަރުދަނާކުރުމަށް، ޗެމްޕިއަންކުރުން، ގެންނަންޖެހޭ އިސްލާހުތަކެއްކަމަށާއި، މިސާލަކަށް ކުރިއަށް އޮންނަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުޞަތު އޮވެގެންނުވާނެކަމަށާއި، އެއީ ނާޖާއިޒު ފައިދާއެއްވެސް ކަމަށެވެ. ހަމައެއާއެކު އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެކަމަށާއި މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުން އިޚްލާސްތެރިވާން ޖެހޭނީ ޤާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށް ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާވާނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށާއި ސަރުކާރަށް ނޫންކަމަށެވެ.
މީގެ އިތުރުން، ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާއެކު ފާސްކޮށްފައިވާ އެއްޗެއްކަމަށްވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޙްތިޔާރުވެސް އޮވެގެން ނުވާނެކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ނުހަނު ގެއްލުން ލިބެމުންދާކަމީވެސް ހަޤީޤަތެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅުއްވައި، އޭގެ ތެރޭގައި އެފަދަ ވިޔަފާރިތަކަކީ އެ ކުންފުންޏެއް ނިސްބަތްވާ ރަށުގެ އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިއަކަށް ވެގެން ނުވާނެކަން ހިމަނައިފައިވުމުން އޭގެ ފައިދާ ވެގެންދާނީ ރަށުގެ އާންމުންނާއި އާންމު ވިޔަފާރިތަކަށް ކަމަށެވެ.
ޤާނޫންނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުޞޫލުން ހިނގުމުގެ ޤާނޫނަށް ) އަށް ގެނެވުނު 16 ވަނަ އިސްލާޙް އާއި ގުޅޭގޮތުން އަޅުގަނޑަށް ފެންނަ ދެތިންވާހަކައެއް. pic.twitter.com/nc5uhRXtp4
— Qasim Ibrahim (@qasimibrahim) August 17, 2025
އެހެންކަމުން، މި ހުރިހާ އިސްލާހުތަކެއްގެވެސް ފައިދާ އޮތީ ރައްޔިތުންނަށް ކަމަށް ޤާސިމް އިބްރާހިމް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް