ފުލުހުން ޑާޓާ ސެންޓަރަކީ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިއްޒަތްތެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"މިއަދު، އަޅުގަނޑުމެން މިދެކެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ތާރީހީ ފިޔަވަޅެއް - އަޅުގަނޑުމެންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކުރެވިގެން ދިއުން. މިއީ ހަމައެކަނި ފެސިލިޓީއެއް ހުޅުވުމެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުން" ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، އަލަށް ގާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކުރެވިފައިވަނީ ސައިބަރ ދާއިރާގައި ގައުމުގެ "ޝީލްޑް އެންޑް ވޮޗްޓަވަރު" ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އަދި އެފަދަ ކުށްތައް މަދު ކުރުންކަމަށާއި، މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފިޒިކަލީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބަރ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށް ކަމަށެވެ.
"މި ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބަރ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް، ތިބޭނެކަމަށް" ނަވީން ވިދާޅުވިއެވެ.
އަދި މި ވަސީލަތް ގާއިމުކުރެވިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސް (ޔޫއޭއީ) ގެ އެހީތެރިކަމާއެކުގައިކަމަށާއި މިއީ ދެ ގައުމުގެ ރަޙްމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ނަވީން ސިފަކުރެއްވިއެވެ. މި މަޝްރޫއު ހަގީގަތަކަށް ހެއްދެވުމުގައި ވެދެއްވި އެހީތެރިކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ޝުކުރު ދެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް