ބ. ކަމަދޫގެ ތަރައްޤީއަށް މުހިންމު 2 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކަމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ބ. ކަމަދޫގެ ތަރައްޤީއަށް މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ފުރަތަމަ ސޮއިކުރެވުނީ ކަމަދޫ ސްކޫލުގައި ގާއިމުކުރާ އައު އިމާރާތުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓަޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ޙަމްދާން ޝަކީލްއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރި 2 ވަނަ އެއްބަސްވުމަކީ، މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ބ. ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެނޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް އިޔާސް އަދި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ އަލްފާޟިލް ޙުސައިން އަމަންއެވެ.
މާޅޮސްމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާގެ ކުރައްވާ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް