ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ، ދިވެހިންގެ އިޤްތިޞާދާއި، ސަޤާފީ ތަރިކައިގެ ވަރަށް މުހިންމު ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައެވެ.
އެގޮތުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ހަރުދަނާކުރުމަށްޓަކައި، އިނޮވޭޓިވް އެޕްރޯޗްތަކާއި ޑައިވަރސިފިކޭޝަންގެ ޒަރިއްޔާއިން ކަންކަން ހަރުދަނާކުރަމުންދާކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މެރިކަލްޗަރ އާއި ދެމެހެއްޓެނިވި އެކުއަކަލްޗަރގެ އާއި މަސް ޕްރޮސެސްކުރުން އިތުރުކޮށް، ރާއްޖޭގެ މަސްވެރިކަމުގެ އެންމެ މަޝްހޫރު އެއް މަސައްކަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަމުގެ އަގު އިތުރުކުރުމަށް ޓަކައި އިންފްރާސްޓްރަކްޗަރއަށް އިންވެސްޓްކުރަމުން ގެންދަވާކަމަށެވެ.
އަދި ސްޓްރެޓެޖިކް ފަސް ސަރަޙައްދެއްގައި، ހެޗަރީ، ނާސަރީ، ގްރޯ އައުޓް ފެސިލިޓީސް، އަދި ޒަމާނީ ޕްރޮސެސިންގ ސެންޓަރުތައް އުފެއްދުމަށްޓަކައި އާ ކޮމާޝަލް މެރިކަލްޗަރ ސައިޓްތައް ޤާއިމުކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑް ދިވެހި ސަރުކާރުން ވަނީ މި ބިޒްނަސް ފޯރަމްގައި ތަޢާރަފުކޮށްފައެވެ. ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ.
އަދި މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދެއެވެ.
މިއަދު ބޭއްވި މި ފޯރަމުގައި ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއާމަން ލޯޑް މާލަންޑް، ދިވެހި ސަރުކާރުގެ ކެބިނެޓްގެ ބައެއް މެމްބަރުންނާއި އެކްސެލެންސީސް އަދި އިނގިރޭސިވިލާތާއި ރާއްޖޭގެ ކޯޕަރޭޓް ސެކްޓާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް