5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6 ލައްކައާ ގާތްކުރާވަރަށް ގަސް އިންދިއްޖެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރޭ ކުރިއަށްދިޔަ އަހާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާކަމަށާއި އަދި ކުރިއަށްއޮތް ތަނުގައި އިތުރު ގަސްތައް އިންދުމަށްވެސް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާތަނަށް 595،000 ގަސް އިންދިއްޖެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އޭގެތެރޭގައި އެސްއޯއީތަކާއި، ޓޫރިސްޓު ރިސޯޓުތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި، އަމިއްލަ ފަރާތްތަކުންނާއި، ކުންފުނިތަކުން ބައިވެރިވެގެން ގަސް އިންދާފަ އެބަހުރި." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔައަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުޢައްސަސާތަކުން، އަދި އަމިއްލަ ކުންފުނިތަކާއި ފަރާތްތަކުން ދަނީ ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް