ރާއްޖޭގައި ޓްރޭޑްމާކާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ނިޒާމެއް އެކަށައަޅައި އެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ޓްރޭޑްމާކްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ.
ޓްރޭޑްމަރކްގެ“ ބިލު މަޖިލީހަށް ހުށަހެޅުއްވީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށެވެ.
އެގޮތުން ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެޓްރޭޑްމަރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދު ހުށަހެޅުއްވި މި ބިލުގެ ދަށުން ”ޓްރޭޑްމަރކް“ ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.
ބިލްގައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތު ކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ.
ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި އެ މާކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު ނިޝާނެއް އެ މާކް ނިސްބަތްވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި އެފަދައިން އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްގު ރަޖިސްޓަރީކޮށްފައިވާ މާކްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް