ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެއްގެ ތެރެއިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި، ކާމިޔާބު ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދުގެ ޓްރަޔަލް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ.
މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޓްރަޔަލްއަށްފަހު ވާހަކަފުޅު ދައްކަވަމުން މުޖުތަބާ ލަތީފު ވިދާޅުވީ، މިއަދަކީ އެމްއޭސީއެލް އާއި ރާއްޖޭގައި ހަޔާތުގައި މުހިންމު ދުވަހެެއް ކަމަށެވެ.
”އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް، މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް“ އެމްއޭސީއެލްގެ ޑީއެމްޑީ މުޖުތަބާ ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ބުނީ މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާ ޓާމިނަލާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
”މިއީ ދުބާއީ، ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ، ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރު“ އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
މަތިންދާބޯޓުން ފައިބައިގެން ޓާމިނަލަށް ދާން މިހާރު އޮންނަ ހަމަ އެކަނި ގޮތަކީ ބަހަކަށް އެރުން ނުވަތަ ހިނގާފައި ދިއުމެވެ. އެކަމުގެ ސަބަބުން ފަސިންޖަރުންނަށް އެތައް ތަކުލީފެއް އުފުލަންޖެހި، ވަގުތު ބޭކާރުވެ އެވެ. ވަގުތުގެ ގޮތުން ބަލާ ނަމަ މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރަން މިހާރު ގާތްގަނޑަކަށް 28 މިނެޓާއި 35 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.
އެމްއޭސީއެލް އިން ބުނީ ޕީބީބީ އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެ ކަމަށެވެ.
އެގޮތުން މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތަށް ކުޑަ ކުރެވި، ވަގުތު ސަލާމަތް ކުރެވި، ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓެވެ. މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ، އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެއެވެ.
ވީއައިއޭ އަށް މަތިންދާބޯޓެއް ޖެއްސުމުން، އެ މަތިންދާބޯޓުގެ ޕައިލެޓަށް، ޓެކްސީ ވޭއިން އެއާޕޯޓް އޭޕްރަން އަށް އައިސް ޕާކު ކުރުމަށް މިހާރު އިރުޝާދު ދެމުން އަންނަނީ އެކަމަށް ތަމްރީނު ކޮށްފައިވާ މާޝަލްސްއެވެ.
އެމްއޭސީއެލް އިން ބުނީ ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައި މާޝަލްއަށާއި ޕައިލެޓަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް އޭވީޑީޖީ ސިސްޓަމާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.
މިގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް