10 ޖުލައި ވީ ބުރާސްފަތު ދުވަހު ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ގދ. ގައްދޫ ކޯޒީރައުންޑް / ޒަކަރިއްޔާ މުޙައްމަދު (79އ.)ގެ ހަށިގަނޑު ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރު ކުރަނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ، ގަމުގެ ދެކުނު ފަރާތު އަތިރިމަތީގައި އޮއްވައި މިއަދު 11:43 ހާއިރު ކަމަށެވެ.
ޒަކަރިއްޔާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ފާއިތުވީ ދެ ދުވަހު ކޮށްފައެވެ.
އެ މަސައްކަތުގެ ތެެރެއިން، ޒަކަރިއްޔާ ދަތުރުކުރި ކުޑަ ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން އިއްޔެ ވަނީ ހޯދާފައެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް