ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވެމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޚިދުމަތުން އެދެފިއެވެ.
އެގޮތުން، މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުކަމަށާއި މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެފައި އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށްވެސް ބުނާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
އަދި އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެކަމަށާއި އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަހަލަ ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ނުވަތަ ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލުމަށާއި އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:
- ޓެލެގްރާމް ސެޓިންގ
- ޕްރައިވަސީ އެންޑް ސެކިއުރިޓީ
- ޓޫ-ސްޓެޕް ވެރިފިކޭޝަން
- ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
- ރިކަވަރީ އީމެއިލް އެޑްކުރުން
ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް