މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހަރަދުތައް ކުޑަކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް ފާސްކޮށްފިއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމްއެމްޕީއާރްސީއާއި އެމްޓީޑީސީގެ މާލީ ހާލަތާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު ރިޕޯޓެއް އެކުލަވައިލާފައިވާއިރު މިއަދު މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ވަނީ ފާސްކޮށްފައިވެއެވެ.
ފާސްކުރި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެމްއެމްޕީއާރްސީއަކީ އެ ކުންފުނީގެ ހިންގުމުގެ ހަރދުތައް ހަމަޖެއްސުމުގައާއި ލޯނުތައް އަދާކުރުމުގައި ސަރުކާރުގެ މައްޗަށް ބަރޯސާވާންޖެހޭ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަމިއްލަ ފުދުންތެރިކަަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށްޓަކައި އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކޮށްފަައިވެއެވެ.
އެ ކުންފުނިންވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ކޮމިޓީއާ ހިއްސާކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ކުންފުންޏަށް ލަފާ ދީފައިވަނީ އާމްދަނީ އިތުރުކުރާނެ އެހެނިހެން ގޮތްތައް ހޯދުމާއެކު ހަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދިރާސާކޮށް އެ ފިޔަވަޅުތައް އަޅައި އެ ކުންފުންޏަކީ އަމިއްލަ އުފެއްދުންތެރިކަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް