ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެފް.އެފް.ޑީ.4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ މިކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: "ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް" ގައި ތަޤުރީރު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރި ކަމާއެކު ކްރެޑިޓް ރޭޓިންގ ދިނުމަށް ގޮވާލައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތްތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެމް.އެސް.އެމް.އީ) ތަކަށް އަހައްމިއްޔަތުކަން ދިނުން ހިމެނެއެވެ.
މީގެ އިތުރުން، ނައިބު ރައީސް ވަނީ އެފް.އެފް.ޑީ.4 ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެންފައެވެ. މި އިވެންޓްގައި އެކިއެކި ޤައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އ.ދގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ވަނީ ދެއްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގެ އިތުރުން ސްޕެއިންގެ ބޮޑުވަޒީރު ދެއްވި ރަސްމީ ފަރީއްކޮޅުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި ކޮންފަރެންސްގެ ތެރޭގައި ބޭއްވި މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެފް.އެފް.ޑީ.4 ކުރިއަށް ދިޔައީ 2025 ޖޫން 30 އިން ޖުލައި 3 ގެ ނިޔަލަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް