ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުއާއެކު 3 އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ކުރިއަށްގެންދިޔުމުގެ ހުއްދަ މިވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫޢުކަމުގައިވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.
މީގެ އިތުރުން ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ހެންލޭ އެންޑް ޕާރޓްނަރސްގެ ފަރާތުން ސޮއިކުރެއްވީ، ފިލިޕް އާމަރަންޓީ، މެނޭޖިންގ ޕާރޓްނާ ހެންލޭ އެންޑް ޕާރޓްނަރސް މިޑްލް އީސްޓް އެވެ.
ހަމައެއާއެކު، ސިންގަރޕޯރިއަން ކޯޕަރޭޝަންއާއެކުވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މިގޮތުން މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ސިންގަރޕޯރިއަން ކޯޕަރޭޝަން އެންޓަރޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރ ޓެލިއަން ޗޫއެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް ސިލްސިލާކޮށް ބޭރުގެ ބޮޑެތި ސިޓީތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގައި ރާއްޖެއަށް މުހިއްމު އެކި ދާއިރާތަކުން އެއްބަސްވުންތައްދަނީ ޤާއިމުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް