ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ގާނޫނަށް ގެންނަ އިސްލާޙްގައި ހިމެނެނީ ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލު ކަނޑައެޅުމާއި ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޑީޖީގެ ޝަރުތުތައް މުރާޖަޢާކުރުމަށެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރު ހުށަހެޅި މި ބިލު މަޖިލީހަށް ބަލައިގަތީ 49 މެންބަރުންގެ ވޯޓުންނެވެ.
ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރ ގެ ލަފާގެ މަތިންނެވެ. އެ މަޤާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް އިތުރުކޮށްފައެވެ. މިހާރު ޤާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.
އެ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހާއެކު އަލަށް އެކުލަވައިލާންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް