މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 36 އެއާލައިނަކާއެކު 45 ފަރާތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އައު ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫއެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެއް ކަމަށާއި އަދި މިއީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށްގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓުއާތަކެއް ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށްވެސް މި ޓުއާތައް އަންނަނީ ކުރިއަށް ގެންދަމުދާއިރު، މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އައު ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.
މި ކިއޮސްކްތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް