ކ. ތުލުސްދޫ ޓޫރިސްޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ނެތްގޮތް ބެލުމަށް ފުލުހުން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖޫން މަހުގެ 21 އިން 23 އަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ތުލުސްދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދަނެގަނެ ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ. މިގޮތުން ޖުމްލަ 31 ފެސިލިޓީ އިންސްޕެކްޓް ކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ތުލުސްދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، ރަށުގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން މައުލޫމާތުހިމެނޭ ބީޗް ބޯޑުޖެހުމާ ގުޅޭގޮތުންނާއި ގެސްޓްހައުސް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި، ޓޫރިސްޓް ޕޮލިހުގެ މި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި އަދި ފެސިލިޓީ އިންސްޕެކްޝަންގެ ސަބަބުން، ގަވާއިދާއި ހިލާފަށް ގެސްޓްހައުސް ހިންގަމުންދާ ފަރާތްތަކުން އެ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް