ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށް އެންޑީއެމްއޭއިން ބުނީ ހާދިސާގެ ސަބަބުން އެޕާޓްމަންޓް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:41 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައިވާ ގޮތުން ކޮޓަރީގައި ހުރި ބަންކް ބެޑުގައި ރޯވެ އެއްކޮށް އޮތީ އަނދައިފަ އެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ވެސް އެއްކޮށް އަނދައިގެން ގޮސް އޮތީ ބިންމަތީގަ އެވެ.
އަލިފާން ރޯވީ ގޮދަޑީގައި ކަމަށް ބުންޏަސް އަލިފާން ރޯވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް