ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ.އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރުކަމަށާއި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) އެވެ. މީނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއެވެ. މީނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަމަށް ފުލުހުން ބުނެއެވެ.
ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް