ދުޢާއަކީ ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ޢަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހެނދުނު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި. ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރައްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށި. ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި.
ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ… pic.twitter.com/aKxHc5guW1
— Dr Mohamed Muizzu (@MMuizzu) June 5, 2025
ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން ދުޢާދަންނަވައި ޙިއްޞާކުރެއްވި މި ޕޯސްޓުގައި، ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ. އަދި އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިވަގުތު ތިއްބެވީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، އެ ވަފުދުގެ ބައެއް މެންބަރުންގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް